ހުރިހާ އިސްލާމް ލައިބްރަރީއެއް

76 - The Man - Al-'Insān

:1

ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.

:2

ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.

:3

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ.

:4

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ.

:5

ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، كافور ކަމުގައިވިއެވެ.

:6

އެއީ اللَّه ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ.

:7

އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: قيامة ދުވަހަށް) އެއުރެން ބިރުވެތިވެތެވެ.

:8

އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.

:9

(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

:10

ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ.

:11

ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ.

:12

އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.

:13

އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ.

:14

އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ.

:15

އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ.

:16

ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.)

:17

އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ.

:18

(އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ.

:19

އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ.

:20

އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ.

:21

ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ.

:22

(އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ.

:23

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް قرآن ވަކިވަކިކޮށް ބާވައިލެއްވީމެވެ.

:24

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ كافر އަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!

:25

އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ!

:26

އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ!

:27

ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ.

:28

ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީމެވެ. އަދި އެއުރެންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެއުރެންފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމަޔަށް އެއުރެން ބަދަލުކުރައްވައިފީމުހެވެ.

:29

ހަމަކަށަވަރުން، މި قرآن އަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފައިފާހުށިކަމެވެ.

:30

އަދި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

:31

އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب އެކަލާނގެ ތައްޔާރުކުރައްވާފައިވެއެވެ.