ހުރިހާ އިސްލާމް ލައިބްރަރީއެއް

75 - The Resurrection - Al-Qiyāmah

:1

قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.

:2

އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)

:3

އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟

:4

އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.

:5

އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.

:6

އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

:7

ފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ.

:8

އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.

:9

އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.

:10

އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟

:11

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.

:12

އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.

:13

އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ.

:14

އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.

:15

އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ.

:16

އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ!

:17

ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

:18

ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ!

:19

ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.

:20

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.

:21

އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ.

:22

އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.

:23

އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.

:24

އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.

:25

މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.

:26

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.

:27

އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟

:28

އަދި އެއީ ވަކިވުން ކަމުގައި يقين ކޮށްފި ހިނދެވެ.

:29

އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.

:30

އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.

:31

ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.

:32

އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.

:33

ދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.

:34

ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.

:35

ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.

:36

ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟

:37

އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟

:38

ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.

:39

ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.

:40

އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟