ހުރިހާ އިސްލާމް ލައިބްރަރީއެއް

77 - The Emissaries - Al-Mursalāt

:1

ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،

:2

އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،

:3

އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،

:4

حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި،

:5

އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ.

:6

عذر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ.

:7

ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.

:8

ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.

:9

އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.

:10

އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.

:11

އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.

:12

އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟

:13

ނިޔާކުރައްވާ ދުވަހަށެވެ.

:14

އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

:15

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

:16

ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟

:17

ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.

:18

ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.

:19

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

:20

ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟

:21

ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.

:22

އެނގިގެންވާ މުއްދަތަކަށެވެ.

:23

ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!

:24

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.

:25

ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

:26

ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

:27

އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.

:28

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

:29

(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!

:30

ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!

:31

(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.

:32

ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.

:33

އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ.

:34

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

:35

މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.

:36

އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ.

:37

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

:38

(وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.

:39

ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްކަލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!

:40

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

:41

ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ.

:42

އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.

:43

(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!

:44

إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

:45

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

:46

(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.

:47

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

:48

ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ.

:49

ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.

:50

ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟