ހުރިހާ އިސްލާމް ލައިބްރަރީއެއް

89 - The Dawn - Al-Fajr

:1

ފަތިސް ގަންދެއްވަމެވެ.

:2

އަދި ދިހަ ރޭ ގަންދެއްވަމެވެ.

:3

އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ.

:4

އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ.

:5

ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ.

:6

ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟

:7

އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ.

:8

އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ.

:9

އަދި ثمود ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ.

:10

އަދި لشكر ތަކުގެ ވެރި فرعون އާ މެދުގައިވެސްމެއެވެ.

:11

އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ.

:12

ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ.

:13

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ގެ ބާވަތްތައް އޮއްސެވިއެވެ.

:14

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.

:15

ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ.

:16

އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ.

:17

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ.

:18

އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ.

:19

އަދި (حرام އެއް حلال އެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ.

:20

އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.

:21

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ.

:22

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.

:23

އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟

:24

އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟

:25

ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ.

:26

އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ.

:27

އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ!

:28

ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!

:29

ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ!

:30

އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!