ހުރިހާ އިސްލާމް ލައިބްރަރީއެއް

88 - The Overwhelming - Al-Ghāshiyah

:1

ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ(އެބަހީ: قيامة ގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

:2

އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.

:3

މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.

:4

ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.

:5

ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.

:6

ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.

:7

(އެ ކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.

:8

އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.

:9

ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.

:10

މަތިވެރިވެގެންވާ ސުވަރުގޭގައެވެ.

:11

(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.

:12

ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.

:13

އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.

:14

އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.

:15

އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.

:16

އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.

:17

ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.

:18

އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟

:19

އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟

:20

އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟

:21

ފަހެ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.

:22

އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

:23

ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ.

:24

ފަހެ، اللَّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ.

:25

ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ.

:26

ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.