ހުރިހާ އިސްލާމް ލައިބްރަރީއެއް

84 - The Sundering - Al-'Inshiqāq

:1

އުޑުފަޅަފަޅައިގެންދާ ހިނދެވެ.

:2

އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ.

:3

އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.

:4

އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.

:5

އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ.

:6

އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.

:7

ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!

:8

ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ.

:9

އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.

:10

އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.

:11

ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

:12

އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.

:13

ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.

:14

ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.

:15

އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.

:16

ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.

:17

އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.

:18

އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.

:19

ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.

:20

އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟

:21

އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ.

:22

އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ.

:23

އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.

:24

ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ!

:25

إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.