ހުރިހާ އިސްލާމް ލައިބްރަރީއެއް

79 - Those who drag forth - An-Nāzi`āt

:1

ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

:2

އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

:3

އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ.

:4

އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ.

:5

އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ.

:6

(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.

:7

އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.

:8

އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.

:9

އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.

:10

އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟

:11

ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟

:12

އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.

:13

ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.

:14

ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ.

:15

موسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

:16

طوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.

:17

فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

:18

އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟

:19

އަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ.

:20

ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.

:21

ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.

:22

ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.

:23

ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.

:24

ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

:25

ދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.

:26

ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ.

:27

ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.

:28

އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.

:29

އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.

:30

އެއަށްފަހު، ބިން ފެތުރުއްވިއެވެ.

:31

އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.

:32

އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.

:33

(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.

:34

ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامة ދުވަސް އަންނަހިނދެވެ.)

:35

އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.

:36

އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.

:37

ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

:38

ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

:39

ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.

:40

އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!

:41

ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.

:42

قيامة ގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ.

:43

އެކަން بيان ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟

:44

އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.

:45

ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.

:46

އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.