ހުރިހާ އިސްލާމް ލައިބްރަރީއެއް

50 - The Letter "Qaf" - Qāf

:1

ق (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މާތްވެގެންވާ قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، إنذار ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ محمد ގެފާނު ފޮނުއްވީމެވެ.)

:2

އަދި ކިއެއްތަ! إنذار ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން حيران ވޫއެވެ. ފަހެ، كافر ން ބުނޫއެވެ. މިއީ عجائب ވާފަދަ ކަމެކެވެ.

:3

(ތިމަންމެން އަލުން ދިރުމަކަށް رجوع ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު رجوع ވުމެކެވެ.

:4

ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ.

:5

އަދި ކިއެއްތަ! އެއުރެންގެ ގާތަށް حق އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް حالة އެއްގެ ތެރޭގައެވެ.

:6

ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ.

:7

އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ.

:8

(އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.

:9

އަދި ތިމަންރަސްކަލާނގެ އުޑުން بركات ތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ.

:10

އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.)

:11

(އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ.

:12

އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ.

:13

އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.)

:14

އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ.

:15

ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން إعادة ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު شك އެއްގައެވެ.

:16

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.

:17

(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ.

:18

(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.

:19

އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.

:20

(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (كافر ންނަށް عذاب ގެ) وعيد އަންނަ ދުވަހެވެ.

:21

އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ.

:22

ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު غافل ކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން غافل ކަމުގެ ފަރުދާ كشف ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ.

:23

އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ.

:24

(އެ ދެ ملائكة ންނަށް އަންގަވާނެތެވެ.) حق އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ كافر އަކު ނަރަކަޔަށް އެއްލަވާށެވެ!

:25

(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަ އަނިޔާވެރި، ދީނާމެދު شك ކުރާ ކޮންމެ މީހެކެވެ.

:26

އެއީ اللَّه އާއެކު އެހެން إله އަކު شريك ކުރި މީހާއެވެ. ފަހެ، ތިޔަ ދެ ملائكة ން، އޭނާ ގަދަފަދަ عذاب ގެ ތެރެޔަށް އެއްލަވާށެވެ!

:27

އޭނާޔާ އެކުގައިވާ شيطان އާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

:28

އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް عذاب ގެ وعيد ވަނީ އިސްކުރައްވާފައެވެ.

:29

ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

:30

އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ وحى ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.

:31

އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ.

:32

(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ.

:33

(އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ.

:34

(تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.

:35

އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް ވެއެވެ.

:36

އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟

:37

ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ.

:38

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ.

:39

ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، حمد އާއެކު تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ!

:40

އަދި ރޭގަނޑުގައި އެކަލާނގެއަށް تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، تسبيح ވިދާޅުވާށެވެ!

:41

އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ!

:42

(އެއީ) އެއުރެންނަށް (އެބަހީ: خلق ތަކުންނަށް) حق ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ.

:43

ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.

:44

(އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް محشر ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ.

:45

އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު قرآن ން وعظ އާއި نصيحة އިއްވަވާށެވެ!