ހުރިހާ އިސްލާމް ލައިބްރަރީއެއް

44 - The Smoke - Ad-Dukhān

:1

ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)

:2

بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ.

:3

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.

:4

އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.

:5

(އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.

:6

(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވާ رحمة އެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

:7

(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން يقين ކުރާ ބަޔަކު ކަމުގައިވާނަމައެވެ.

:8

އެކަލާނގެ މެނުވީ އެހެން إله އަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.

:9

އަދި ކިއެއްތަ! އެއުރެން شك ކަމެއްގައި ކުޅެކުޅެ ތިބެތެވެ.

:10

ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظار ކުރާށެވެ!

:11

އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ.

:12

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން عذاب ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން إيمان ވާހުށީމުއެވެ.

:13

އެއުރެން نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ رسول އަކު ވަނީ ވަޑައިގެންފައެވެ.

:14

ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ.

:15

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޑަހިނދުކޮޅަކަށް عذاب ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ، (كافر ކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ.

:16

ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއުރެންގެ ކިބައިން އެދުވަހުން) ބަދަލުހިއްޕަވާހުށީމެވެ.

:17

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعون ގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ رسول އަކު ވަޑައިގަތެވެ.

:18

(ވިދާޅުވަމުންނެވެ.) އޭ اللَّه ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تَبع ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسول އަކީމެވެ.

:19

އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ.

:20

ތިޔަބައިމީހުން ތިމަންކަލޭގެފާނު رجم ކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ.

:21

އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް إيمان ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ!

:22

ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ.

:23

(އެކަލާނގެ وحى ކުރެއްވިއެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން (فرعون އާއި، އޭނާގެ لشكر) އަންނާނެތެވެ.

:24

އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ غرق ކުރައްވާނޭ لشكر އެކެވެ.

:25

ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟

:26

އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ.

:27

އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمة ގެ ތަނަވަސް ދިރިއުޅުމެވެ.

:28

(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ.

:29

ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ مهلة ދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ.

:30

ހަމަކަށަވަރުން، ނިކަމެތިކަންދެނިވި عذاب ން، ތިމަންރަސްކަލާނގެ إسرآءيل ގެދަރިން މިންޖުކުރެއްވީމެވެ.

:31

(އެއީ) فرعون ގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ.

:32

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން عالم ތަކުގެ މައްޗަށް އެއުރެން خيار ކުރެއްވީމެވެ.

:33

އަދި ބަޔާންވެގެންވާ امتحان އެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.

:34

ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ.

:35

އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެތެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ނުވަމުއެވެ.

:36

ފަހެ، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ!

:37

ރަނގަޅީ އެއުރެން ހެއްޔެވެ؟ ނުވަތަ تُبّع ގެ قوم ގެމީހުންނާއި، އެއުރެންގެ ކުރިންއުޅުނު މީހުން ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ކުށްވެރިން ކަމުގައެވެ.

:38

ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.

:39

حق ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

:40

ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ ميعاد އެވެ.

:41

(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި نصر ލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ.

:42

اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.

:43

ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.

:44

ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.

:45

ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.

:46

ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.

:47

(زبانية ملائكة ންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ!

:48

ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ عذاب އޮއްސާށެވެ!

:49

(އަދި އޭނާޔަށް އަންގަވާނެތެވެ.) ކަލޭ (عذاب ގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ.

:50

ހަމަކަށަވަރުން، މިއީ ތިޔަބައިމީހުން އެކަންތަކާމެދު شك ކޮށްއުޅުނު ކަންތަކެވެ.

:51

ހަމަކަށަވަރުން، تقوى ވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ.

:52

ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.

:53

އެއުރެން ލައިއުޅޭހުށީ، سُندس އާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ.

:54

(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ.

:55

އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ.

:56

ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ.

:57

ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި فضل ވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ.

:58

ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.

:59

ފަހެ، ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ.