ހުރިހާ އިސްލާމް ލައިބްރަރީއެއް

15 - The Rocky Tract - Al-Ĥijr

:1

ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ، اللَّه އެވެ.) މިއީ، (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ قرآن ގެ آية ތަކެވެ.

:2

كافر ވި މީހުން އެއުރެންނީ مسلم ންކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދެތެވެ.

:3

އެއުރެން ކައިބޮއި، ދުނިޔޭގެ ވަގުތީ އުފާ ލިބިގަތުމަށާއި، ދޮގު އުންމީދުތައް އެއުރެން مشغول ކުރުވުމަށް، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! ފަހެ (އެކަންތަކުގެ ނަތީޖާ) އެއުރެންނަށް ފަހުން އެނގޭހުށްޓެވެ.

:4

އެ ރަށަކަށް ކަނޑައެޅި އެނގިގެންވާ މުއްދަތެއްވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަށެއް ހަލާކެއް ނުކުރައްވަމެވެ.

:5

އެއްވެސް أمّة އަކަށް، އެ أمّة ގެ أجل އިހެއްނުކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ.

:6

އެއުރެން ބުނެފޫއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.

:7

ކަލޭގެފާނު ތެދުބުނާމީހުންގެ ތެރެއިންވާނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު ملائكة ން ނުގެންނަވަނީ ކީއްވެގެންތޯއެވެ؟

:8

حق ބަސްފުޅާއިގެން މެނުވީ، ތިމަންރަސްކަލާނގެ ملائكة ން ބާވައެއް ނުލައްވަމެވެ. އަދި އެ ހިނދު ފަސްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުވެއެވެ.

:9

ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.

:10

ހަމަކަށަވަރުން، އިސްވެދިޔަ أمّة ތަކުގެ ތެރެއަށް ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ.

:11

އަދި އެބޭކަލަކަށް އެއުރެން ފުރައްސާރަ ކުރާކަމުގައި ނުވާ އެއްވެސް رسول އަކު އެއުރެންގެ ގާތަކަށް ވަޑައެއް ނުގަންނަވަތެވެ.

:12

ކުށްވެރިންގެ ހިތްތަކަށް ތިމަންރަސްކަލާނގެ އެކަން ވައްދަވަނީ އެފަދައިންނެވެ.

:13

އެއުރެން އެކަލޭގެފާނަކަށް إيمان އެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ.

:14

އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ.

:15

އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ.

:16

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އުޑުގައި بُرج ތަކެއް ލެއްވީމެވެ. އަދި ބަލާ މީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އެ އުޑު ޒީނަތްތެރިކުރެއްވީމެވެ.

:17

އަދި اللَّه ގެ رحمة ން ބޭރުކުރައްވާފައިވާ ކޮންމެ شيطان އެއްގެ ކިބައިން، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރި ކުރެއްވީމެވެ.

:18

އެހުމުން ވައްކަންކުޅަ شيطان އަކު މެނުވީއެވެ. ފަހެ، ފާޅުވެގެންވާ ގިނިހިލައެއް އެ شيطان އެއްގެ ފަހަތުން އަންނަހުށްޓެވެ.

:19

އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ.

:20

އަދި ތިޔަބައިމީހުންނަށްޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން رزق ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި، ދިރިއުޅުމުގެ وسيلة ތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ.

:21

އެ އެއްޗެއްގެ خزانة ތައް ތިމަންރަސްކަލާނގެ حضرة ގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ.

:22

ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) تلقيح ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް خزانة ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ.

:23

އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)

:24

އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (جيل ތަކުގެ) މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން، ފަހުން އަންނާނޭ މީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

:25

އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

:26

تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.

:27

އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ.

:28

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.

:29

ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدم ގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!

:30

ފަހެ، ملائكة ން އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ.

:31

إبليس މެނުވީއެވެ. سجدة ކުރި ملائكة ންނާ އެކުގައިވުމަށް إبليس ނުރުހި، އެކަމުން މަނާވެގެންފިއެވެ.

:32

އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! سجدة ކުރި ملائكة ންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟

:33

އެކަލޭގެ ދެންނެވިއެވެ. تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް سجدة ކުރާކަށް ތިމަން ނެތީމެވެ.

:34

އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، رحمة ން ބޭރުކުރައްވާފައެވެ.

:35

އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުށްޓެވެ.

:36

އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށް ދާނދެން ތިމަން އަޅާޔަށް مهلة ދެއްވާނދޭވެ!

:37

އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، مهلة ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.

:38

ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.

:39

އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.

:40

އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ خيار ކުރައްވާފައިވާ މީހުން މެނުވީއެވެ.

:41

އެކަލާނގެ وحى ކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ حضرة އަށް އޮތް ސީދާވެގެންވާ ތެދުމަގެވެ.

:42

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް تبع ވާ މީހުން މެނުވީއެވެ.

:43

އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް اللَّه وعد ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ.

:44

އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ.

:45

ހަމަކަށަވަރުން، تقوى ވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.

:46

(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ حال އެތަނަށް ވަންނާށެވެ!

:47

އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައެވެ.

:48

އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.

:49

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!

:50

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.

:51

އަދި إبراهيم ގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގެފާނު އެބައިމީހުންނަށް ކިޔައިދެއްވާށެވެ!

:52

އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދެވެ. އެ ހިނދު އެއުރެން ދެންނެވޫއެވެ. سلام ހުށްޓެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންދެކެ ބިރުގަނެތެވެ.

:53

އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، علم ވެރި ދަރިކަލަކު، ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންމެން ކަލޭގެފާނަށް ދެމުއެވެ.

:54

އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މުސްކުޅިވީހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ خبر ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ خبر ތިޔަބައިމީހުން ތިޔަދެނީ ފަހެ، ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟

:55

އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑާލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

:56

އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟

:57

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟

:58

އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ.

:59

لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ.

:60

އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.

:61

ފަހެ، ފޮނުއްވާފައިވާ ملائكة ން لوط ގެފާނުގެ أهل ވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.

:62

ފަހެ، ފޮނުއްވާފައިވާ ملائكة ން لوط ގެފާނުގެ أهل ވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.

:63

އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު شك ކޮށްއުޅުނު ކަންތަކާއިގެންނެވެ.

:64

އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، حق ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ.

:65

ފަހެ، ކަލޭގެފާނުގެ أهل ވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!

:66

އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަށަވަރުން، އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ.

:67

(އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ حال، ރަށުގެ أهل ވެރިން އައޫއެވެ.

:68

އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން فضيحة ނުކުރާށެވެ!

:69

އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ!

:70

އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟

:71

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، شرعى ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: قوم ގެ އަންހެންދަރިން) މިތިބީއެވެ.

:72

ކަލޭގެފާނުގެ حياة ޕުޅު ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيران ވެ، ދެފުށުއެޅޭ حال ގައެވެ.

:73

ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.

:74

ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.

:75

ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

:76

އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ.

:77

ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ.

:78

އަދި ހަމަކަށަވަރުން، الأيكة ގެ أهل ވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ.

:79

ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން، އެ ދެރަށް (އެބަހީ: لوط ބާގައިމީހުންގެ ރަށާއި الأيكة ގެރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ.

:80

ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ.

:81

އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.

:82

އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ.

:83

ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.

:84

ފަހެ، އެއުރެން ހޯދައި އުޅުނު عمل ތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ.

:85

ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، قيامة ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!

:86

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

:87

ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.

:88

އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)

:89

އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.

:90

ބައިބައިކުޅަ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ (عذاب) ބާވައިލެއްވި ފަދައިންނެވެ.

:91

އެއުރެންނަކީ، قرآن އެއީ، ވަކިވަކިވެގެންވާ ބައިތަކެއްކަމުގައި ހެދި މީހުންނެވެ.

:92

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެއުރެން އެންމެންނާ سؤال ކުރައްވާ ހުށީމެވެ!

:93

އެއުރެން ކޮށްއުޅުނު عمل ތަކާ މެދުގައެވެ.

:94

ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!

:95

ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!

:96

އެއުރެންނަކީ، اللَّه އާއެކު އެހެން إله އަކުލައި، شريك ކޮށް އުޅުނު މީހުންނެވެ. ނިކަންހުރެ އެއުރެންނަށް އެނގޭހުށްޓެވެ.

:97

ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

:98

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

:99

އަދި ކަލޭގެފާނުގެ އަރިހަށް يقين ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!